އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަން ކުރައްވައިފިއެވެ.
އީސީގެ ނައިބު ރައީސަކު ހޮވާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރައްވާފައިވާތީއެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފައެވެ.
އަލީ ނަޝާތު މިހާރު ފުރުއްވަމުން ގެންދަވަނީ އީސީގެ މެމްބަރުކަމުގެ ދެވަނަ ދައުރެވެ. އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރީ 2018 ގައެވެ. ދެ ވަނަ ދައުރަކަށް އޭނާ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައެވެ.
ހަބީބު އީސީގެ މެމްބަރެއްގެ ގޮތުގައި ފުރަތަމަ އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 13، 2014 ގައެވެ.ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި މާޗް 13، 2019 ގައެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އޮންނަ ގޮތުން އެ ކޮމިޝަންގެ މެމްބަރަކަށް ވިދިވިދިގެން ތިން ދައުރެއް ފުރިހަމައެއް ނުކުރެވޭނެއެވެ. ހަބީބް ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ އިތުރުން ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި 21 އަހަރު ހިދުމަތް ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!