ސަރުކާރުން ހަދިޔާ ކުރާ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ކައުންސިލުން ބުނީ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު 09:00 އިން 12:00 އަށް ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ބަހަމުންދަނީ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށެވެ. ކާޑު ދޫކުރަނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓު މީޓަރަށް ބަލައިގެންނެވެ. ކާޑު ބަލާ އަންނަ އިރުގައި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ގެންދިއުން މަޖުބޫރެވެ.
މާލެ ސަރަހައްދުގައި ކާޑު ހަދިޔާ ކުރުމަށް ޖުމްލަ ހަ ތަނެއް ގާއިމްކޮށްފައިވެއެވެ. އެ ތަންތަނަކީ:
- ގަލޮޅު ދަނޑު މާލެ
- އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
- ސޯޝަލް ސެންޓަރ
- ބިއްރި މިސްކިތް ހޯލް ވިލިމާލެ
- އުމަރު ޒާހިރު ބިލްޑިންގ ހުޅުމާލެ ފޭސް-1
- ވިނަރެސް 10 ހުޅުމާލެ ފޭސް-2
ކާޑް ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ. މިހާތަނަށް އައިއިރު، ކާޑު ވަނީ މާލެ ސަރަހައްދުގެ 2،000 އެއްހާ ގޭބިސީއަކަށް ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!