ސަރުކާރުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކާޑުގެ ބާވަތްތައް މާލޭގައި މިއަދު ބަހަން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމައިފައެވެ. މާލެ ސަރަހައްދުގައި ކާޑު ބަހާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ކާޑު ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރަކަށެވެ. ކާޑު ބަލާ ދާއިރުގައި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ގެންދިއުމަކީ ވެސް މަޖުބޫރު ކަމެކެވެ.

Ad
rt

ސަރުކާރުން ރޯދަ ހަދިޔާ ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ:

- ހެނދުނު 10:00 އިން ހަވީރު 4:00 އަށް

- ރޭގަނޑު 8:30 އިން 11:00 އަށް

ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ:

- ހެނދުނު 9:30އިން މެނދުރު 1:00 އަށް

- ރޭގަނޑު 9:00 އިން 11:00 އަށް

މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު ކާޑް ބެހުމަށް ހަމަޖެހިފައި ނުވާ އިރު، މިއަދުން ފެށިގެން ހަ ދުވަސް ވަންދެން ކާޑް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މާލޭގެ ހަ ސަރަހައްދަކުން ކާޑުގެ ބާވަތްތައް ދޫކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެއީ

- ގަލޮޅު ދަނޑު

- މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި

- މާލޭ ސޯޝަލް ސެންޓަރ

- ވިލިމާލޭ ބިއްރި މިސްކިތް ހޯލް

- ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން

- ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިންނެވެ. .ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މުދާތައް ދޫކުރާނީ ރަށު ކައުންސިލުންނެވެ.