މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފަރުކޮޅުފުށި ސަރަހައްދުގައި ހަދަން ނިންމާފައިވާ ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށް އިއުލާންގައިވެއެވެ. ބީލަމުގެ އަގު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައެވެ.

މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހިގެން އަންދާސީ ހިސާބު ހުށަހަޅަން ދާ މީހުންގެ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކަމަށް އިއުލާންގައިވެއެވެ. ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުންނާއި ކުނި ކޮތަޅުތައް ފަޅާލައި އެތައް އުނދަގުލެއް ކުރިމަތިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނު ކުރިއެވެ. އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެއްބާރުލުން ނުލިބިގެން އެ މަސައްކަތް ނުކުރެވުނު ކަމުގައި އޭރުގެ މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައެވެ. އެ މަސައްކަތަށް މިހާރު ވަނީ ބިމެއް ވެސް ހަމަޖައްސައިދީފައެވެ.