މަސްވެރިން މިފްކޯ އަށް ކިރާފައިވާ މަހަށްވާ ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައެއް މީޑިއާތަކަށް މިރޭ ވިދާޅުވީ މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރު 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

މިފްކޯ އަށް މަސް ކިރުވުމަށް ފަހު، މި ސަރުކާރުން މިހާތަނަށް އައިއިރު، 442 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެ ފައިސާ ދިން ކަމުގައި ވިޔަސް، މިހާރު ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 280 މިލިއަން ރުފިޔާ އަށް އަރައެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގައި ގއ. ކޫއްޑޫގައި މީގެ ތިން ދުވަސް ކުރިން މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ. އެހެންވެ، އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން 100 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމިއެވެ. އަދި ބާކީ ފައިސާ އަންނަ މަހުގެ ފަހެއްގެ ދޭން ވެސް ނިންމިއެވެ.

"މިއަދާއި މާދަމާ އެ 70 މިލިއަން ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ. ބާކީ 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހު ދީ ނިންމާނެ. ފުރަތަމަ މި ދޭ 70 މިލިއަން އޮޑިވެރިންނަށް ޑިސްޕާސް ކުރުމުގެ ކަންކަން މިހާރު އަޅުގަނޑުމެން ފަށައިފިން،" ޝިޔާމް ވިދާޅުވިއެވެ.

މިފްކޯ އަށް ކިރާ މަހުގެ އަގަށް ވާ ފައިސާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސް ޑރ. މުއިއްޒު ދާދި ފަހުން ވިދާޅުވެފައި ވަނީ މަސްވެރިންނަށް ދޭން ހުރި ފައިސާ ހަމަޖެއްސުމަށް ފަހު، އެ ވައުދު ވެސް ފުއްދެވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

މަސްވެރިންތަކެއް މުޒާހަރާ ކުރާތާ މިހާރު ތިން ދުވަސްވެފައިވާ އިރު، އެމީހުން ބުނަމުން އަންނަނީ ފައިސާ ދިނުމުން ނޫނީ މުޒާހަރާ ހުއްޓާ ނުލާނެ ކަމަށެވެ. ރައީސް ޑރ. މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ކޫއްޑޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.