މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމް އަށް ބޭފުޅަކު އައްޔަން ކުރަނީ މިދިޔަ އަހަރު ޖެނުއަރީ 8 ގައި ކޮމިޝަންގެ މެމްބަރަކަށް ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ad
rt

އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ތިން ނަމެއް ފޮނުވާފައިވެއެވެ.

އެއީ:

  1. އައިމިނަތު ނުޒުހާ – ރިވޯޑް، ހއ. ހޯރަފުށި
  2. ހުސެއިން އަމްރު – ވ. ރޯޝަން
  3. މަރިޔަމް ނަރީމާން ޝަރީފް – މުޝްތަރީގެ، ގދ. ތިނަދޫ

ނުޒުހާގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ 34 މެންބަރުން އިއްތިފާގުންނެވެ. އެ ނަން ފާސްވުމާ ގުޅިގެން އިތުރު ބޭފުޅެއްގެ ނަމަކަށް ވޯޓެއް ނާހައެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާއެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީންއެވެ. ދެން އެ ކޮމިޝަންގައި ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމް އަދި ސޮފާ ޝަފީގެވެ.