މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން ސާފު ބޯޑުތައް ގެނައުމަށް ނަގާ އަގު ކުޑަކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ކުރި ސުވާލުގައި ބުނެފައި ވަނީ ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ކުރިއަރަމުން އަންނަކަމަކަށްވާއިރު، ސާފް ބޯޑު އުފުލުމަށް ގާއުމީ އެއާލައިނުން ނަގާ ފީ ބޮޑު ކަމަށެވެ. އެކަމަށް ނަގާ ފީ ބޮޑުކަމުން އެ ވިޔަފާރީއަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ.

Ad
rt

"މޯލްޑިވިއަނުން މިނަގާ ސާފް ބޯޑުގެ ސާވިސް ޗާޖުގެ އަގު މިއޮތީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. މިގޮތަށް ބަލާއިރު މާލެއިން ފެށިގެން ގައްދުއަށް، އަޅުގަނޑުމެންނަކީ ލޯކަލް ޓޫރިޒަމް ތަރައްގީ ކުރާ ބަޔަކަށް ވީމަ އެ މުސްތަގްބަލަށް މިހާރުވެސް މިވާހަކަ މި ދެކެވެނީ. އެހެންވީމަ ގާތްގަނޑަކަށް ބުނާނަމަ އަޕް އެންޑް ޑައުން ޓިކެޓް އަދި ސާވިސް ޗާޖާއެކީ 800 ޑޮލަރު މިހާރު ރޭޓަކީ." އަހުމަދު ރަޝީދު ބުންޏެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ސާފް ބޯޑު އުފުލުމަށް ނަގާ ފީ ބޮޑު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ނަގާ ފީ ކުޑަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިވިދާޅުވާ ގޮތަށް މޯލްޑިވިއަނުން ސާފް ބޯޑު ގެނައުމަށް ނަގާ އަގު ވަރަށް ބޮޑު. އަޅުގަނޑު އެކަމާއި ވާހަކަދައްކާނަން. ވާހަކަ ދައްކައިގެން އެކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން. އަގު ކުޑަކޮއްދޭނަން އިރާދަކުރެއްވީޔާ ވީހާވެސް ބޮޑަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާޅައަޅާ ކަނދު ގެންނަން ނަގާ ފީ ބޮޑުވުމަކީ ރާޅާއެޅުމު ހަރަކާތްތައް އިންތިޒާމްކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑު މައްސަަލައެއް ކަމަށެވެ. ގައްދޫ ސަރަހައްދަކީ ރާޅާ އެޅުމުގައި ކުރިއަރާފައިވާ ސަރަޚައްދަކަށް ވެފައި އެކަމަކީ ޓޫރިޒަމްއާއި ދިވެހި ރާއްޖޭގެ އިދްތިސާދާއި ގުޅިފައި އޮތް ކަމަކަށް ވުމުން ސާފް ބޯޑު ގެނައުމަށް ނަގާ އަގު ކުޑަކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.