އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

މި މޮޅާއިއެކު ސިޓީއަށް ވަނީ 25 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އެއްވަނާގައި ލިވަޕޫލް އޮތީ 25 މެޗުން ހޯދި 57 ޕޮއިންޓާއި އެކުގައެވެ. މި ދެ ޓީމްގެ ދެމެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ތިންވަނާގައި އާސެނަލް އޮތީ 25 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.

Ad
rt

ރޭ މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު 71 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ހާލަންޑެވެ.

މިއީ ހާލަންޑް ޕްރިމިއާ ލީގުގައި މި ސީޒަންގައި ޖެހި 17 ވަނަ ލަނޑެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން އޭނާ ވަނީ ސީޒަންގައި މިހާތަނަށް 22 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގައި ހާލަންޑް ވަނީ އޭނާ މިހާތަނަށް ކުޅުނު 21 ޓީމް ކޮޅަށް ވެސް ލަނޑު ޖަހާފައެވެ.

ބްރެންޓްފޯޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. މިވަގުތު ރެލިގޭޝަން ޒޯނާއި އެ ޓީމާއި ދެމެދު އޮތީ 5 ޕޮއިންޓްގެ ތަފާތެކެވެ. އެ ޓީމަށް އެންމެ ފަހުން ކުޅުނު 11 މެޗުގައި ހޯދުނީ ހަ ޕޮއިންޓެވެ.