މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީސެއް ފަށައިފިއެވެ.
މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީގެ އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވިއެވެ.
އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ. ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް، ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
މި ލެކްޗާ ސީރީސް ގައި ދަރިވަރުންނަށް މައުލޫމާތުދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނޭކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއެވެ. އަދި މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ދީފައިވާނެ ކަމަށް ބުންޏެވެ.
އެމްއެމްއޭ އިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމުތައް އަބަދުވެސް ކުރިއަށް ގެންދެއެވެ. މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!