މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި މީހަކު ހުޅުވާފައިވާ އެކައުންޓަކުން މަކަރާއި ހީލަތުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނޮމިކް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ މައްސަލައަކީ ފެބްރުއަރީ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ވަގުތުން ބޭންކްތަކާއެކު މަސައްކަތްކޮށް 48 ގަޑިއިރުގެ ތެރޭގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި ހިމެނެނީ ތިން މީހުންނާއި ކުޑަކުއްޖެކެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. މި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ އުމުރަކީ 16 އަހަރެވެ.
ފޭރިގަތް ފައިސާ ބޭނުންކޮށްގެން އެ މީހުން ގަނެފައި ވަނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް އަދި ގަޑި އަދި ދޫނިފަދަ ތަކެއްޗެވެ. ތުހުމަތު ކުރެވޭ މީހުން ދިރިއުޅުނު ތަންތަން ބަލައި ފާސްކުރުމަށް ފަހު، ވަގަށް ނެގި ފައިސާ އިން ގަތް ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުން މިހާރު ވަނީ ހޯދައިފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހުންގެ ބޭންކް އެކައުންޓްތަކުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ހޯދައިފައެވެ. އަދި ތުހުމަތު ކުރެވުނު މީހުން ދިރިއުޅުނު ތަންތަން ބަލާ ފާސްކޮށް، ނަގުތު ފައިސާގެ ގޮތުގައި 151،985 ރުފިޔާ ހޯދި އިރު، ތުހުމަތު ކުރެވުނު މީހުން ގަނެފައިވާ ތަކެތީގެ ތެރެއިން ވަނީ 223،780 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ. އެހެންކަމުން ގެއްލުނު 1.8 މިލިއަން ރުފިޔާގެ ތެރޭން މިހާތަނަށް ރިކަވާ ކުރެވިފައި ވަނީ 1.67 މިލިއަން ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.
ރަޝީދު ވިދާޅުވީ މަކަރާއި ހިލަތުން ފައިސާ ހޯދުމުގެ މި އަމަލު ހިންގާފައިވަނީ މައްސަލަ ހުށަހެޅި މީހާގެ ފޯނު ޕާސްވޯޑް ހޯދައިގެން، ފޯނުން އެކައުންޓްގެ މައުލޫމާތުތައް ނެގުމަށްފަހު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!