ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު، 93 ދާއިރާއަކަށް 381 ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމަށް މިއަދު މެންދުރު 2:00 އާ ހަމައަށް ވަގުތު ހަމަވިއިރު، 381 ފޯމް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އިއްޔެ އާއި މިއަދުގެ އެކި ވަގުތުތަކުގައި ހުށަހެޅި ފޯމްތަކެވެ.
އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލް ކުރާނެތީ، ބަލައިގަތް ފޯމްގެ އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެރިކަން ކުރާ ޕީއެންސީންނެވެ. ޕީއެންސީން ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެއެވެ. ދެވަނަ އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނެވެ. އެ ޕާޓީން ހަތަރު ދާއިރާއަށް ފިޔަވައި ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރެއެވެ. ތިން ވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 41 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެއެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން، އަދާލަތު ޕާޓީން ހަތަރު ކެންޑިޑޭޓުން އަދި އެމްޑީއޭ އާއި އެމްއެންޕީން ވެސް ކެންޑިޑޭޓުން ނެރެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި އަމިއްލަ ގޮތުން ކެންޑިޑޭޓުން ނުކުތުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާ ތާރީހު ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލިހުން ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިހާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިހާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ. އެ ބިލް ފާސް ކުރި ނަމަވެސް އެ ބިލް ތަސްދީގު ކުރުމާ މެދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ގޮތެއް ނުނިންމަވައެވެ.
މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!