އޭޝިއަން ކަޕް 2024، ގެ ފައިނަލުގައި ޖޯޑަންގެ ބަލިކޮށް، މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ގަތަރުން ކާމިޔާބު ކޮށްފިއެވެ.
ގަތަރުގެ ލުސައިލް ސިޓީގެ ސްޓޭޑިއަމްގައި ރޭ ކުޅުން ފައިނަލް މެޗު ގަތަރުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޖޯޑަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭ މެޗުގައި ގަތަރުން ކާމިޔާބުކުރި ތިން ކަނޑުވެސް ޖެހީ ޕެނަލްޓީންނެވެ. މި ތިން ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމްގެ އަކުރަމް އަފީފް ވަނީ ހެޓްރިކް ހަދާފައެވެ. ޖޯޑަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޔަޒާން އަބްދުﷲ އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް އަފީފް ހޮވުނުއިރު، އޭނާ ވަނީ މުބާރާތުގައި 8 ލަނޑު ޖަހާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އަފީފެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަށް ހޮވުނީ ގަތަރުގެ ކީޕަރު މައެޝަލް ބަރްޝަމްއެވެ.
ފައިނަލުން ބަލިވި ޖޯޑަން މިއީ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމް ފައިނަލަށް އައީ ސެމީ ފައިނަލުގައި ވަރުގަދަ ދެކުނު ކޮރެއާ ކަޓުވާލުމަށް ފަހުއެވެ. ރޭ މެޗުގައި ވެސް އެ ޓީމުން ވަނީ ގަތަރާއި ދެކޮޅަށް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ.
ގަތަރުން ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 2019 ވަނަ އަހަރުއެވެ. ޔޫއޭއީގައި އޮތް މުބާރާތް އެ ޓީމް ކާމިޔާބުކުރީ ފައިނަލުގައި ޖަޕާން ބަލިކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!