ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅު ހިމެނޭ ހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިގްތިސާދީ ފުރުސަތުތައް ފުޅާކޮށް، ވަޒީފާ އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ފެށި "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ތ.ކިނބިދޫ، އުފާ، އައިޝަތު ރައުނާ ކުރި ސުވާލަކީ ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަ ކުދީންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރާނެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުންނެވެ.

Ad
rt

"އަޅުގަނޑުމެންނަށް ތ. ވޭމަންޑޫން ވަޒީފާގެ ފުރުސަތު ފަހިވެފައި ވިޔަސް، މަތީ ތައުލީމް ހާސިލް ކުރުމަށް ފަހު މަތީ ތައުލީމް ހާސިލް ކުރަން މި ޖެހެނީ މާލެ ބަދަލުވާން. އެހެންވީމަ މަނިކުފާނުގެ ވިސްނުންފުޅު އެބައޮތްތޯ ގްރޭޑް 10 ނިންމައި މަތީ ތައުލީމް ހާސިލް ކުރުމަށްފަހު ރަށުގައި ހުރެ ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތެއް؟" އެ ޒުވާނާ ސުވާލުކުރިއެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒުވާންކުދިން މާލެ ނުގޮސް އަމިއްލަ އަތޮޅުގައި ނުވަތަ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ފަހިވެފައި އޮންނަން ބޭނުންވާ ކަމަށެވެ. ތ. އަތޮޅަކީ ވަޒީފާގެ ފުރުސަތު، ނިސްބަތުން ކުޑަ އަތޮޅެއް ކަމަށާއި އަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަޒީފާ ލިބޭނީ އިންޑަސްޓްރީތައް މި ތަނަށް ގެނެވިގެން. ޓޫރިޒަމް ފުޅާ ކުރެވިގެން. އިތުރު ރިސޯޓުތައް ގެނެވިގެން. ނޫނީ މަސްވެރިކަމުގެ އެކި ފުރުސަތުތައް ލިބި، ނޫނިއްޔާ ޒުވާން ކުދިން ވެއްޖެއްޔާ ބޭނުންވާނެ ކްރިއޭޓިވް އެކި ކަހަލަ ފުރުސަތުތައް ހޯދައި ދޭން ވެސް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާނެ ފަދަ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމު ކުރުމުންވެސް ބޭނުން ތަނެއްގައި ތިބެ ބޭރުގެ މާކެޓްތަކަށް އަދި އެހެންވެސް ގޮތްގޮތުން ޒުވާނުންގެ ހުނަރު ވިއްކޭނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ އިގްތިސާދީ ފުރުސަތުތައް ފުޅާކޮށްދިނުން ކަމަށެވެ.

"އެހެންވީމަ ރިސޯޓުތައް ގެނައުމާއި އެކިކަހަލަ ފުރުސަތުތައް ގެނައުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނަން،" ރައީސް ވިދާޅުވިއެވެ.