ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން 13،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ދިން ހަތް ދުވަހުގެ މުއްދަތު އިއްޔެ ހަވީރު 4:00 ގައި ހަމަވިއިރު، ރީ-ރަޖިސްޓްރީކުރަން 13،378 މީހުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން، 1،459 ފޯމު ބަލައިނުގަންނަން ނިންމިއިރު، ރީ-ރަޖިސްޓްރީކޮށް ދީފައި ވަނީ 11،919 މީހުންގެ ފޯމް ކަމަށް ވެސް އީސީގެ ނައިބު ރައީސް ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިހާބަށް ރީ-ރަޖިސްޓްރީކުރަން ޖެހޭނީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލީ ތަން ބަދަލުވެފައިވާ ނަމަ އެކަންޏެވެ.
އީސީން ނިންމާފައި ވަނީ 150 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ގައުމުތަކުގައި އެކަނި ވޯޓު ފޮށި ބަހައްޓާ ގޮތަށެވެ. މުއްދަތު ހަމަވިއިރު، ވޯޓު ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައި ވަނީ ސްރީލަންކާ އާއި މެލޭޝިއާގައި އެކަންޏެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގައެވެ. އެކަމަކު، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަހުގެ ފަހުންނެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ، ރޯދަ މަހަކާ އިންތިހާބެއް ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ ނިމޭތާ 10 ދުވަސް ފަހުން ކަމަށް ކަނޑައެޅުމަށް އިސްލާހެއް ހުށަހަޅައިފައެވެ.
މަޖިލިހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!