ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ކުޑަކުއްޖަކު މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އެ ކުއްޖާގެ އާއިލާއިން ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރަން ދައުލަތުން މަސައްކަތް ކުރުމުން ކޯޓުން އިއްޔެ ދައުލަތަށް ނަސޭހަތްތެރިވެއްޖެ އެވެ.
2021 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަދާ ސައުދުﷲ މަރުވި މައްސަލާގައި، އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވި ކަމަށް ބުނެ އެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓުގައި އިހްތިސާސާ މެދު ސުވާލު އުފެއްދީ އެ މައްސަލާގައި ދައުވާކުރުން ލަސްވެފައިވާ ކަމަށް ބުނެ އަދި އެ މައްސަލަ ހުށަހެޅީ ނުބައި ފޯމެއް މެދުވެރިކޮށް ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުގެ ނިންމުމުގައިވަނީ އެ ބާވަތުގެ މައްސަލަތަކުގައި 10 އަހަރު ދުވަސް ތެރޭގައި ދައުވާ ކުރުމުގެ ފުރުސަތު މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން އޮންނާތީ އެ މައްސަލާގައި ދައުވާ ކުރުމުގައި ލަސްވެފައިވާ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި މައްސަލަ ހުށަހެޅީ ނުބައި ފޯމަކުން ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކަތަކުގައި އަސާސެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
ކޯޓުގެ ނިންމުމުގައިވަނީ ބޭކާރު ގޮތުގައި އެފަދަ އިއުތިރާޒްތައް ފާހަގަކޮށްގެން މައްސަލަ ލަސް ކުރުމަކީ ގާނޫނު ތަސައްވުރުކުރާ ގޮތް ނޫން ކަމަށާއި މިފަދަ ކަންކަމުގައި ދައުލަތުގެ ޒިންމާ ބޮޑުވާނެ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށާއި އެ މައްސަލައިގައި ހެޔޮ ނިޔަތުގައި އަމަލުކުރަން ދައުލަތަށް ނަސޭހަތްތެރިވާ ކަމަށެވެ.
ސަދާ މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމީ އެކަމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތުމުން އެކަމުން ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރެވިދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!