އާ އަހަރަށް ކަނޑަ އަޅާނެ އަޒުމް ތަކަކާއި މެދު ގިނަ ބަޔަކު ވާހަކަ ދައްކައެވެ. އަލަށް ބައްދަލުކުރާ އަހަރު ނިމޭއިރު ހާސިލް ކުރަން ބޭނުން ކަންކަމަކީ ކޮބައިތޯ ވާހަކަ ދައްކައެވެ. ކަނޑަ އަޅާ ލަނޑު ދަނޑިތަކަށް ވާސިލުވުމަށް އަތުކުރި އޮޅާލައެވެ.
ނިމިދިޔަ އަހަރު ނިމި ދިޔައީ އެވެ. ގެއްލުނު ވަގުތެއް، ފުރުޞަތެއް އަނބުރާ ނުހޯދޭނެއެވެ. އެންމެ ހިތް އެދޭގޮތަށް އެދުވަސްތައް ހޭދަ ނުކުރެވޭނަމަ ދެން އޮތީ އަލަށް ފެށޭ އަހަރު އަޒުމް އައުކޮށް ވަގުތު ހެޔޮ ގޮތުގައި ބޭނުން ހިފުމެވެ. އަލަށް ބައްދަލުކުރާ އަހަރު ނިމޭއިރު ހިތްހަމަ ޖެހުން ލިބި ގަތުމަށްޓަކައެވެ.
އާ އަހަރުގެ އަޒުމްތަކަށް ވިސްނައި ފިކުރު ހިންގާލި އިރު، އެންމެ މޮޅު އިތުރު ކަމަށް ހޮވާލެވުނު ކަންތައް މިގެނެސްދިނީ ޒުވާން މަސްވެެރިޔާއެވެ. ޒުވާން މަސްވެެރިޔާގެ ފޭސްބުކް ޕޭޖުން، ހިނގަމުންދާ އަހަރާއި އަލްވަދާއު ކިޔަން ދުވަހަކަށްވެގައި ވަނިކޮށް އަޕްލޯޑްކުރި އިބުރަތްތެރި ވީޑިއޯއެވެ.
ވީޑިއޯއިން ފެންނަނީ ޒުވާން މަސްވެރިންތަކެއް މަސްދޯންޏެއްގެ ދިރުނބާ ކޮޅުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާ އުފާވެރި މަންޒަރެވެ. މާޝާ ﷲ އެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ކާމިޔާބުގެ ތަޅުދަނޑިވެސް މެއެވެ.
ޒުވާން މަސްވެރިޔާ އެދިނީ އެމެސެޖެވެ. އާ އަހަރަށް ކަނޑައަޅަންވީ އެންމެ މުހިންމު އަޒުމެވެ. އެ އަޅުކަން ކުރުންމަތީ ދެމި ހުރި ނަމަ، އެ ނިއުމަތުގައި ހުރުމަށް އަޒުމް އައު ކުރަންވީއެވެ. އެކަން ދޫކުރެވި، ފަރުވާ ކުޑަކުރެވޭނަމަ ޒުވާން މަސްވެރިޔާގެ އަޒުމްގައި ހިފައި، އައު އަހަރު އެކަން ހާސިލް ކުރަންވީއެވެ.
އާ އަހަރުގެ އެންމެ އަގުހުރި ހަދިޔާއެއް މީސްމީޑިއާ މެދުވެެރިކޮށް މިދިނީ ޒުވާން މަސްވެރިޔާއެވެ. ޒުވާން މަސްވެެރިޔާގެ މެސެޖުން އިބުރަތް ލިބިގަނެ އައު އަހަރުގެ އައަޒުމް ކަނޑައަޅަމާތޯއެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!