މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްގެ ކަކުލަށް އަނިޔާވެ ދެމަސްދުވަހަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ.
މާޓިނޭޒްގެ ކަނާތުފައިގެ ކަކުލަށް އަނިޔާވީ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކޮށް 3-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ވެސްޓްހޭމްގެ ކޮއުފަލް މާޓިނޭޒް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭ، މާޓިނޭޒްގެ ކަކުލަށް އަނިޔާވި ނަމަވެސް ފަރުވާއަށް ފަހު މެޗުގެ ކުރިއަށް ގެންދަން އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބަދަލުކޮށްފައެވެ.
މިދިޔަ ސީޒަންގެ ފަހުބައިގައި އުމުރުން 26 އަހަރުގެ މާޓިނޭޒްގެ ފައިތިލައަށް ލިބުނު އަނިޔާއަކާއި ގުޅިގެން ތިންމަހަށްވުރެ ގިނަ ދުވަހު އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އަނިޔާއިން ސަލާމަތްވެ ޓީމާއި ގުޅުނީ ދާދި ފަހުންނެވެ. ވެސްޓްހޭމްއާއި ދެކޮޅަށް ކުޅުނު މެޗަކީ އަނިޔާއިން ސަލާމަތްވެ އެނބުރި އައިސް އޭނާ ކުޅުނު ހަތަރުވަނަ މެޗެވެ
ވެސްޓްހޭމް މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އެރިކް ޓެން ހާގް ބުނީ މާޓިނޭޒްއަށް ލިބުނު އަނިޔާ ފެންނަ ފެނުމަށް ސީރިއަސް ކަމަށެވެ
މާޓިނޭޒްގެ އަނިޔާގެ ތަފްސީލް ހާމަކޮށް ޔުނައިޓެޑުން އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އަށް ހަފްތާވަރު ކުޅުމާއި ދުރުގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ސާޖަރީއެއް ހަދަން ނުޖެހޭކަމުގައި އެ ކުލަބުން ވަނީ ބުނެފައެވެ. އަދި އެ ކުލަބުން ބުނީ އަނިޔާއިން ސަލާމަތްވެ ސީޒަންގެ ފައިބައިގައި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!