ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި މަސައްކަތަށް ވަޑައިގެންނެވި ދިރޭތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އައިޝަތު ރަމީލާ އަށް ހެޔޮ ދުއާ ކޮށްދެވި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ކެންސަރު ބައްޔަށް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ރަމީލާ އިންޑިއާ އަށް ވަޑައިގެންނެވިތާ ދެ މަސް ދުވަސް ފަހުން އެކަމަނާ ވަނީ އަލުން ރާއްޖެ ވަޑައިގެން އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.

Ad
rt

ރަމީލާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެނބުރި ގެއަށް ވަޑައިގެން އާއިލާގެ ބޭފުޅުންނާ ބައްދަލުވިކަމަށްޓަކައި މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. އަދި ފަރުވާގެ ކަންކަމުގެ ތެރެއިން ފުރަތަމަ ފޭސްގެ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމަށް ރަމީލާ ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވި ގޮތުގައި ދެވަނަ ފިޔަވަހީގެ ފަރުވާގެ ކަންކަން ފެށުމުގެ ކުރިން ހުރި ދުވަސްތަކުގައި އެންމެ ފުރިހަމަ އަށް މަސައްކަތް ކުރަން ބޭނުންވާ ކަމުގައި ރަމީލާ ވިދާޅުވިއެވެ. ރަމީލާ ވިދާޅުވީ ނުވަ ފަހަރެއްގެ މަތިން ކީމޯތެރަޕީ ފުރިހަމަ ކުރެއްވި އިރު، އެހާ ބޮޑު ސައިޑް އިފެކްޓެއް ކުރިމަތިވެވަޑައިނުގަންނަވާ ކަމަށެވެ.

"ހުރިހާ އެންމެންނަށް ޝުކުރު އަދާކުރަން، ތި ދިން ލޯތްބާއި ހެޔޮ ދުއާތަކަށް،" ރަމީލާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ރަމީލާ ކެބިނެޓަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17 ގައެވެ.

ވަޒީރަކަށް އައްޔަން ކުރުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. މީގެ ކުރިން އޭނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވައިފައެވެ.