މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިއުން ހުއްޓާލި ކަމުގައި ވިޔަސް، ފަލަސްތީނުގެ ހާލަތު ގޯސްވާ ނަމަ، އަލުން ގުނޫތު އިއާދަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ގުނޫތު ކިއުން ހުއްޓާލާތީ އާންމުންގެ ފާޑު ކިއުން ސަރުކާރަށް ވަނީ އަމާޒުވާން ފަށައިފައެވެ.
އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ ގުނޫތު ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން ނޯންނަ ކަމަށެވެ. ކީރިތި ރަސޫލާ ސައްލަ ﷲ އަލައިހި ވަސައްލަމަ މުސީބާތުގެ ވަގުތުގައި ގުނޫތު އެއް މަސް ދުވަސް ވަންދެން ކިއުއްވުމަށް ފަހު ދޫކޮށްލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ގުނޫތު ނާޒިލާ ނޫނަސް އަބަދުވެސް ދުއާ ކުރެވޭނެ. ކޮންމެ ހުކުރު ހުތުބާއެއްގައި ވެސް ވާނީ ފަލަސްތީނަށްޓަކައި ދުއާ ހިމެނިފައި. އެކަން އެގޮތަށް ދެމިގެންދާނެ އިންޝާ ﷲ. އަދި އިތުރަށް ހާލަތު ގޯސްވެގެންދާ ނަމަ، ގުނޫތު އިއާދަވާނެ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ސުންނަތް ގޮތަކީ މުސީބާތުގެ ވަގުތުގައި ގުނޫތު ކިއުމެވެ. އިއުލާންގައިވާ ގޮތަށް ގުނޫތު ކިއުން މެދުކަނޑާލާފައި ވަނީ ވަގުތީ ގޮތުން ކަމަށް ވެސް ޝަހީމް ފާހަގަ ކުރެއްވިއެވެ.
"ވީމާ މިފަދަ ދީނީ ކަމެއް ސިޔާސީ ކަމަކަށް ނުހެއްދެވުމަށް ނަސޭހަތްތެރިވަން،" ޝަހީމް ވިދާޅުވިއެވެ.
ހައްދުފަހަނާއަޅާފައިވާ އިސްރާއީލޭ ކިޔުނު ޖަމާއަތުގެ ލާއިންސާނީ ޢުދުވާން ހައްދުންނެއްޓި، ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން ބޮޑުތަނުން އިތުރުވުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތުކިޔަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.
އިސްރާޢީލުގެ އަނިޔާވެރިކަމަށް އަދިވެސް ނިމުމެއް އައިސްފައިނުވާއިރު، މިހާރު ވެސް އިސްރާއީލުން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ލާއިންސާނިއްޔަތުކަން އިސްކޮށް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
އިސްރާއީލުގެ މި ނުބައި ޢަމަލުތައް ހުއްޓުވަން ދުނިޔެއިން މަސައްކަތް ނުކުރާއިރު އިސްލާމީ ގިނަ ޤައުމުތަކުން ވެސް އެ ޢަމަލު ކުށްވެރިކުރުން ފިޔައިވައި މާބޮޑު އެއްޗެއް ނުބުނެއެވެ.
ނަމަވެސް ރާއްޖެއަކީ ކުޑަ މުސްލިމް ޤައުމެއް ނަމަވެސް ރާއްޖެއިން އަންނަނީ ފެށުނީއްސުރެ، ޚާއްޞަގޮތެއްގައި އިސްރާޢީލުގެ މިފަހަރުގެ އުދުވާނާއި ގުޅިގެން ވަރަށް ބޮޑަށް އެކަން ކުށްވެރިކޮށް އަޑު އުފުލަމުންނެވެ.
މިގޮތުން މިހާރުގެ ސަރުކާރުން ވެސް ވަނީ ބައިނަލްއަގްވާމީ އެކި މައިދާންތަކުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!