ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ ތާރީހު ދިރާސާކޮށް ފޮތެއް ލިޔެދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެކުވެރި ފެންކުންފުނި، އެމްޑަބްލިއުއެސްސީއިން ކުރި އިއުލާނެއްގައި ބުނީ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް ކުންފުނީގެ ތާރީހު ދިރާސާކޮށް ފޮތެއް ޝާއިއު ކުރުމަށް ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށް އިއުލާނުގައި ވެއެވެ.

Ad
rt

ޢިއުލާނުގައި އިތުރަށް ބުނެފައިވަނީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ފަސްވަނަ ދުވަހު ކުންފުނީގެ ފަސްވަނަ ފަންގިފިލާ އަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށާއި، އަންނަ މަހުގެ އަށްވަނަ ދުވަހު އަގު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު ފަރުދުންނަށާއި އަމިއްލަ ފަރާތްތަކަށްވެސް ހުޅުވާލާފައިވާއިރު ކުންފުންޏެއްގެ ފަރާތުން އަގު ހުށަހަޅާނަމަ ކުންފުނީގެ ތައްގަނޑާއެކު އަގު ހުށަހެޅުމަށް އެކުންފުނިން އެދެއެވެ.

މިހަފްތާގައި އެކުންފުނިންވަނީ ފެން ބިލު ނުދައްކާތިބި ފަރާތްތަކަށް ލުއި ފަސޭހަ ވާނޭހެން، ބިލުގެ ދަރަނި ފިލުވާލެވޭނެ ފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ.

ފެން ބިލު ނުދައްކާ ތިބި ކަސްޓަމަރުންނަށް ފެންކުންފުނިން ހުޅުވާލަ ދިން ލުއި ގޮތްތަކުގެ ތެރޭގައި، އަންނަ އަހަރުގެ ޖޫން މަހުގެ 16 ގެ ކުރިން ބިލްތައް ނުދެއްކި ހުރި ފަރާތްތަކުން އެމްޑަބްލިއުއެސްސީއާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ދަތިތައް އެމްޑަބްލިއުއެސްސީއާ ހިއްސާ ކުރުމުން، ބިލްތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި،

އެ މުއްދަތުގައި ބިލު ދައްކާ ފަރާތްތަކުން ފައިސާ އެއްކޮށް ދައްކައިފިނަމަ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމާއި، އެ މުއްދަތުގައި 30 އިންސައްތަ ފައިސާ ދައްކައިފިނަމަ ޖޫރިމަނާއިން 30 އިންސައްތަ މާފުކޮށްދިނުން ހިމެނެއެވެ.

އެމްޑަބްލިއުއެސްސީ އިން ހިދުމަތްދޭން ފެށީ 1995 ވަނަ އަހަރުއެވެ. އެކުންފުނީގެ ހިދުމަތަށް އަންނަ އަހަރު 25 އަހަރު ފުރޭނެއެވެ.