މިއަދު ދައުރުން ބޭރުން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހޫނުވެ އެންމެފަހުން މެންބަރުންގެ މެދުގައި ހިނގައި، ބައެއް މެންބަރުންނަށް އަނިޔާވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލެން މެދުވެރިވީ އިދިކޮޅު އެމްޑީޕީންނާއި، ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ.

Ad
rt

ވަޒީރުންނަށް ރުހުން ދިނުން މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް މަޖިލީހުގައި ނިޒާމް ގެއްލިފައި އޮތުމުން އެކަން ކުރެވޭގޮތެއް ނުވިއެވެ. މަޖިލިސް ހުސްވަގުތުކޮޅަށްފަހު މެންދު 1:30 ގައި ފަށަން އޮތް ދަންފަޅިއަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ޗެމްބަރު ތަޅުލައި، އިދިކޮޅު މެންބަރުން ތަޅުމަށް ވަންނަން ވަނީ ހުރަސް ވެސް އަޅާފައެވެ.

މަޖިލީހުގެ ވޯޓު އާންމު އުސޫލުން ކޮންމެ ދުވަހެއްގައި ވެސް އެޖެންޑާގައި ހުންނަކަންކަން ނިންމަން ވޯޓަށް އަހަނީ 1:30 ގައެވެ. މިއަދު މަޖިލީހުގެ މެންދުރުފަހު ދަންފަޅި ފެށުނުއިރު ދާދިފަހުން ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރެއްވި ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ރިޔާސަތު ގޮނޑީގައި އިށީނދެވަޑައިގެންފައެވެ. އެއިރު އިދިކޮޅު މެންބަރުން ތިއްބަވާ ބައެއް މޭޒުތަކުގެ މައިކް ތަކާއި، ކާޑުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަންގަވާފައެވެ.

އެއިރު ވެސް ސަރުކާރުގެ މެންބަރުންނާއި، ތަޅުމަށް ވަދެވިފައި ތިއްބެވި އިދިކޮޅު މެންބަރުން ދިޔައީ ބަހުގެ ހަމަލާތައް ރައްދުކޮށް، އަޑުގަދަ ކުރަމުންނެވެ. ޖަލްސާ ފައްޓަވަން މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް ވަޑައިގަތުމުން ރިޔާސަތު ދޮށަށް އެއްވެ ސަރުކާރު މެންބަރުން ދިޔައީ ދުންމާރިއާއެކު އަޑުގަދަ ކުރައްވަމުންނެވެ.

މަޖިލީހުގެ ނިޒާމު ގަޑުބަޑުވެފައި އޮތްއިރު، ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ދެމެދު ހިފައިގަތުމެއް ހިނގައި ޝަހީމް އަށް ވަނީ އަނިޔާވެފައެވެ. މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި ޝަހީމްގެ ބޯ ފަޅައިގެން ގޮސް ލޭ ފައިބާތަން ވެސް ފެނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު މެމްބަރު ޝަހީމްވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮޮސްފައެވެ.

މީގެ އިތުރުން ވެސް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވެސް އަނިޔާވެފައިިވާކަމަށް މައުލޫމާތު ލިބެއެވެ.