ފާއިތުވި އަހަރު ޑިސެމްބަރ މަހު ކުރިއަށް ދިޔަ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވިދާލި އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ ކްލައުޑިއޯ އެޝެވޭރީގެ ސޮއި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.
އުމުރުން 18 އަހަރުގެ އެޝެވޭރީއަކީ އާޖެންޓީނާ ލީގުގެ ރިވަޕްލޭޓަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ޓީމްގެ ސީނިއާ ޓީމަށް މިހާތަނަށް ހަ މެޗު ކުޅެފައެވެ. ސިޓީން އޭނާއާއިއެކު ވަނީ ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ސިޓީން ގާތްގަނޑަކަށް އެނާގެ ޓްރާންސްފާއަށް 12.5 މިލިއަން ޕައުންޑް ހޭދަކުރާއިރު، އޭނާ ސިޓީގައި 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރަން ޖެހޭނެއެވެ.
ސިޓީގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހޫލިއަން އަލްވަރޭޒް އަކީ ވެސް 2022 ވަނަ އަހަރު ރިވަޕްލޭޓުން ސިޓީއަށް ގެނެސްފައިވާ ކުޅުންތެރިއެކެވެ.
ގިނަބަޔަކަށް އެޝެވޭރީ އެނގިގެން ދިޔައީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބްރެޒިލް ކޮޅަށް ހެޓްރިކް ހެދުމާއި ގުޅިގެންނެވެ. އެ މުބާރާތުގައި އޭނާ ފަސް ލަނޑު ޖެހިއެވެ.
އެ މުބާރާތުގައި ދެއްކި މޮޅު ކުޅުމާއި ގުޅިގެން އެޝެވޭރީ ހޯދުމަށް ސްޕެއިންގެ ގަދަ ދެބާރުކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއިން ވެސް މަސައްކަތް ކުރިއެވެ. އެ ރޭހަށް ސިޓީ ވަނުމާއިއެކު އެޝެވޭރީ ވަނީ ސިޓީގެ ހުށަހެޅުން ކަމުދާތީ ސިޓީއަށް ބަދަލުވާން އޭރު ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!