އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މިލާނުންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮފްޓަސް-ޗީކްއެވެ. އެ ލަނޑުޖެހިތާ އިރުކޮޅެއް ފަހުން އުދިނޭޒީގެ ސަޕޯޓަރުން ވަނީ މިލާންގެ ކީޕަރު މައިންނަންއާއި ނަސްލީގޮތުން ދިމާކޮށްފައެވެ. އޭނާ ރެފްރީގެ ސަމާލުކަމަށް އެކަން ގެނައިނަމަވެސް އުދިނޭޒީގެ ސަޕޯޓަރުން އެކަން ތަކުރާރު ކުރުމުން މިލާންގެ ކީޕަރު ވަނީ އެ ޓީމްގެ ބައެއް ކުޅުންތެރިންނާއިއެކު ދަނޑުން ފައިބާފައެވެ. މި މެދުކެނޑުމަށް ފަހު މެޗު ފަށާފައި ވަނީ ދިހަވަރަކަށް މިނެޓް ފަހުންނެވެ.

Ad
rt

މެޗުގެ ނަތީޖާ އުދިނޭޒީއަށް ހަމަހަމަ ކޮށްދިނީ 42 ވަނަ މިނެޓުގައި ސަމާޑިޗްއެވެ. މެޗުގެ 62 ވަނަ މިނެޓުގައި އުދިނޭޒީގެ ތައުވިން ވަނީ ލަނޑުޖަހައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް މިލާނުން ވަނީ ފަހުވަގުތު މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެ ޓީމަށް އެއްވަރު ކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ލޫކާ ޖޮވިޗެވެ. މެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ނޯހް އޮކަފޯއެވެ.

މި މޮޅާއިއެކު މިލާން މިވަގުތު އޮތ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 21 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ޔުވެންޓަސް އަށް 20 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ. އެއްވަނާގައި އޮތީ އިންޓަ މިލާނެވެ. މިލާނަށް 20 މެޗުން ވަނީ 51 ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި އުދިނޭޒީ މިވަގުތު އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.