ސަރުކާރަކުން މާލެ ސިޓީ ކައުންސިލަށް ނުފޫޒު ނުފޯރުވާކަމަށް ސިޓީ ކައުންސިލް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ހަވާލުކުރަން ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އެކަމާއި ގުޅިގެން އިންތިޚާބީ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައި އެ ނިންމުން ބަދަލުކުރަން ގޮވައިލައްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމުގައި ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
މިކަމާއިގުޅިގެން 4 އޮކްޓޯބަރު 2023 އިން ފެށިގެން މާލޭ މޭޔަރުކަމުގެ ޒިންމާތައް ވަގުތީގޮތުން ހަވާލުވެހުންނެވި ނަރީޝް ''އެކްސް''ގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ނުފޫޒެއް ސިޓީ ކައުންސިލަކަށް ނެތްކަމަށެވެ.
''ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ! ކައުންސިލުން ނިންމީ ކައުންސިލް ފްލޯރއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވީމަ! ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ'' ނަރީޝް ވިދާޅުވެފަވެއެވެ.
އިއްޔެ އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރަށް ދިނުމަށް ވަިނީ ނިންމާފައެވެ. ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ މަޝްރޫޢުތައް ކައުންސިލަށް ބަދަލުވާ ގޮތަށް ވެސް ނިންމިއެވެ.
މިގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން ނުވަ މެންބަރުންގެ ތާއީދާ އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!