މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއާ އެންމެ ގާތުން ވާދުކުރި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލި ގަބޫލު ކުރައްވައި އާޒިމަށް މަރުހަބާ ދަންނަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ އަށް ލިބިވަޑައިގެންފައި ވަނީ 5،031 ވޯޓެވެ. ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފަށް 2،343 ވޯޓު ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ފަސް ވަނަ އަށް ދިޔަ ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މި ބައި އިލެކްޝަންގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިދިން ނަމަވެސް ވޯޓުލާފައި ވަނީ 17،008 މީހުންނެވެ. ބާތިލް ވޯޓުގެ ގޮތުގައި 402 ވޯޓު ގުނާފައިވެއެވެ.
I congratulate Mayor Elect @adamazim for his win, and pledged my support for all services that will benefit the citizens of Male' without any difference to party or affiliation.
— AzimaShakoor (@aminadhis) January 13, 2024
އާޒިމާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޒިމް މޭޔަރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. ޕާޓީ ފިކުރުން އެއްކިބާވެ ހުރެ، މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް އާޒިމް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފޯނުން ގުޅުއްވައި އާޒިމަށް މަރުހަބާ ދަންނަވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާއި އަދި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!