އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ވައިގެ މަގުން ދޭން ފެށި ހަމަލާތަކަށް ރައްދު ނުދީ ނުތިބޭނެ ކަމަށް ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ ލީޑަރެއް ކަމުގައިވާ އަބްދުލް މާލިކް އަލް-ހޫތީ ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން އެންމެ ފުރަތަމަ ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ބުދަ ދުވަހުގެރެއެވެ. އޭގެ ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ވެސް ޔަމަންގެ މިލިޓަރީ ސައިޓުތަކަކަށް ކަމަށް ބުނެ، އަސްކަރީ މަނަވަރު ބޭނުންކޮށްގެން ޔަމަނަށް ބޮން އަޅައިފައެވެ.

Ad
rt

އިރާންގެ މަދަދު ލިބިފައިވާ ހޫތީ ހަނގުރާމަވެރިންގެ ލީޑަރު އަބްދުލް މާލިކް ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާ އިން ދޭ ހަމަލާއަކާ ގުޅިގެން ހޫތީން ރައްދު ހަމަލާއެއް ނުދީ ތިބެފާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ. އެމެރިކާ އިން ދޭ ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ހޫތީން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމެރިކާ އިން ދޭ ކޮންމެ ހަމަލާއަކަށް ރައްދުގައި ހަމަލާ ނުދީ ނުތިބޭނެ. އެ ރައްދު ހަމަލާ ވާނީ 20 ޑްރޯނާއި މިސައިލް ހަމަލާތަކަށް ވުރެ ވެސް ވަރުގަދަ ހަމަލާއަކަށް،" މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ޔަމަނަށް ވައިގެ މަގުން ބޮން އަޅަން ފެށުމާ ގުޅިގެން އެކަމަށް ރައްދުދީ ހޫތީގެ ލީޑަރު ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އިނގިރޭސި ވިލާއި އެމެރިކާގެ މަނަވަރު ބޭނުންކޮށްގެން ޔަމަނަށް ދަނީ ބޮން އަޅަމުންނެވެ.

ހޫތީގެ ލީޑަރު ވިދާޅުވި ގޮތުގައި އެމީހުންގެ އަމާޒު އަދިވެސް ހުރީ އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާ ދިނުމުގައެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ހޫތީ ހަނގުރާމަވެރިންނާ މެދުގައި ހިތްހަމަނުޖެހުނީ ރަތް ކަނޑުގެ ކޮންޓްރޯލް ނަގައި އެ ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދީ ހައިޖެކް ކުރުމުގެ އަމަލުތައް ހިންގަމުންދާތީއެވެ. ހޫތީ ހަނގުރާމަވެރިން ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭހާ ހިނދަކު، އިސްރާއީލަށް ވާގިވެރިވާ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށެވެ.

ރަތް ކަނޑަކީ މުޅި ދުނިޔޭގެ އެކްސްޕޯޓް އަދި އިމްޕޯޓް މުދަލުގެ 15 އިންސަންތަ ދަތުރު ކުރާ މަގެކެވެ. އެ މަގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ އިގުތިސޯދީ ބޮޑެތި ބާރުތަކަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ހޫތީން ދޭން ފެށި ހަމަލާތަކުގެ ސަބަބުން އެހެން ގައުމުތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ އެމެރިކާ އާއި އެހެން ގައުމުތަކުގެ އަސްކަރީ މަނަވަރުތަކުން ދަނީ ރަތް ކަނޑު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ޔަމަނުގެ ތަންތަނަށް ހަމަލާ ދިނުމުގައި ދެމިތިބޭ ނަމަ، ހޫތީން ވެސް ރައްދުގައި މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ފުރުސަތު ބޮޑެވެ. އެހެން ވެއްޖެ ނަމަ މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑެވެ.