މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިއަދު ވޯޓުލައްވައިފިއެވެ.
މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފައެވެ.
މި ބައި އިލެކްޝަންގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިވަނީ ވޯޓުލައްވައިފައެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އައިއިރު، ބައި އިލެކްޝަންގައި 4،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ. މިއީ ވޯޓުލާން ޖެހޭ ނިސްބަތުގެ އެންމެ %7 މީހުންނެވެ.
މި އިންތިހާބުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 28،621 ފިރިހެނުންނާއި 27،381 އަންހެނުންނެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!