އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން އެންމެ ފުރަތަމަ ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. މި ހަމަލާތަކުގެ އިތުރުން ރޭގެ ދަންވަރުގެ ވަގުތެއްގައި ވެސް ދެ ގައުމު ގުޅިގެން ވަނީ ޔަމަނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. މިކަން އެމެރިކާ އިން ވެސް ކަށަވަރުކޮށްދެއެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ ޔަމަންގައި ރާޑަރު ސައިޓްތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ. މި ހަމަލާތައް ދިނީ އެމެރިކާގެ އަސްކަރީ މަނަވަރެއް ބޭނުންކޮށްގެން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް ވަނީ ހާމަކޮށްފައެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު، އިނގިރޭސި ވިލާތާއި އެމެރިކާ ގުޅިގެން ދޭން ފެށި ހަމަލާތަކަށް އިތުރުވި ބޮޅެއް ކަމަށާއި ދެ ގައުމުގެ އަމާޒަކީ ޔަމަންގެ އެކި ސަރަހައްދުތަކުގައި ހުރި މިލިޓަރީ ސައިޓްތަކަށް ހަމަލާ ދިނުން ކަމަށް އެމެރިކާ އިން ބުންޏެވެ.
ޔަމަންގެ ކޮންޓްރޯލް އޮންނަ ހޫތީ އޮފިޝަލުން ބުނާ ގޮތުގައި ފުރަތަމަ ދިން މި ހަމަލާތަކުގައި ޔަމަންގެ ބަޔަކު ވަނީ ޝަހީދުވެފައެވެ. އެކަމަކު، ޝަހީދުވީ ކިތައް މީހުން ކަމެއް ބުނެފައެއް ނުވެއެވެ. އަދި އެންމެ ފަހުން ދިން ހަމަލާގައި ލިބުނު ގެއްލުންތަކެއް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ހޫތީ ހަނގުރާމަވެރިންނާ މެދުގައި ހިތްހަމަނުޖެހުނީ ރަތް ކަނޑުގެ ކޮންޓްރޯލް ނަގައި އެ ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދީ ހައިޖެކް ކުރުމުގެ އަމަލުތައް ހިންގަމުންދާތީއެވެ. ހޫތީ ހަނގުރާމަވެރިން ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭހާ ހިނދަކު، އިސްރާއީލަށް ވާގިވެރިވާ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށެވެ.
ރަތް ކަނޑަކީ މުޅި ދުނިޔޭގެ އެކްސްޕޯޓް އަދި އިމްޕޯޓް މުދަލުގެ 15 އިންސަންތަ ދަތުރު ކުރާ މަގެކެވެ. އެ މަގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ އިގުތިސޯދީ ބޮޑެތި ބާރުތަކަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ހޫތީން ދޭން ފެށި ހަމަލާތަކުގެ ސަބަބުން އެހެން ގައުމުތަކަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ އެމެރިކާ އާއި އެހެން ގައުމުތަކުގެ އަސްކަރީ މަނަވަރުތަކުން ދަނީ ރަތް ކަނޑު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޔަމަނުގެ ތަންތަނަށް ހަމަލާ ދިނުމުގައި ދެމިތިބޭ ނަމަ، ހޫތީން ވެސް ރައްދުގައި މެދުއިރުމަތީގައި ހުރި އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ ގައުމުތަކުގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ފުރުސަތު ބޮޑެވެ. އެހެން ވެއްޖެ ނަމަ މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!