ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މާސްޓަކާޑާއި އެކު އުރީދޫ މޯލްޑިވްސް ގުޅި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތައް ފޯރުކޮށްދިނުމަށް، ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އުރީދޫ މޯލްޑިވްސް ގެ ހެޑްކުއާޓާސް ގައި މާސްޓަކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖަރު، ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސްދިނުމަކީ އެ ކުންފުނިން އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މާސްޓަކާޑާއެކު ވެވުނު އެއްބަސްވުމަކީވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އުރީދޫގެ ކަސްޓަމަރުން އަދި މާސްޓަކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވިގެން ދާނެ ކަމަަށް ހާލިދު ވިދާޅުވިއެވެ.
މާސްޓަކާޑު އަދި އުރީދޫ މޯލްޑިވްސް އާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ތައާރަފު ކުރާނެއެވެ. އެގޮތުން، މާސްޓަކާޑު ބޭނުންކުރާ ފަތުރުވެރިންނަށް އުރީދޫ އާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް މާސްޓަކާޑުގެ ސެކުނު އޭޝިއާގެ ސީއޯއޯ ވިކާސް ވަރުމާ ވިދާޅުވިއެވެ.
މާސްޓަކާޑު ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ކަންތައްތައް ހޯދައިދިނުމަށްޓަކައި އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް ވިކާސް ވިދާޅުވިއެވެ.
މާސްޓަކާޑާއި އުރީދޫ މޯލްޑިވްސް އާއެކު ވެވުނު މި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓަކާޑު ބޭނުން ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފަރތަކާއެކު ރާއްޖޭގައި ހޭދަކުރެވޭ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކް، އުރީދޫ އާއެކު ފުރިހަމަވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!