އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 284،327 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާ މާޗް 17 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރިފައިވާ 139،165 އަންހެންނާއި 145،162 ފިރިހެނުންނެވެ.

Ad
rt

ވޯޓުލެވޭ މީހުންގެ ލިސްޓު ގެޒެޓްގައި ޝާއިއުކޮށްފައިވާ އިރު، (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ޖެނުއަރީ 21 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިންނެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.