ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދެމުން އަންނަ ދިރާގާއި އުރީދޫ އިން އިންވެސްޓްކޮށްގެން އަޅާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ހުޅުމާލެއަށް ގެނެސްފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެޗްއެމްއެން ޓެކް އިން ބުނީ މި ކޭބަލުގެ ޒަރީއާއިން ހުޅުމާލެ އާއި މާފުއްޓާއި މާމިގިއްޔާއި ކުޑަހުވަދޫ އާއި ދުވާފަރާއި ވެލިދޫ ހިމެނޭހެން އަށް ރަށް ގުޅާލާނެ ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކޭބަލް އަޅައި ނިމުމުން ނެޓްވޯކް ކަވަރޭޖް ބޮޑުތަނުން ރަނގަޅުވެ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށެވެ.
ރާއްޖޭގައި މުރަކަތައް ހުރުމުން ކޭބަލް އެޅުމުގައި ސަމާލުވާން ޖެހޭ ކަންކަން ހުންނާނެކަން ފާހަގަކޮށް އެޗްއެމްއެން ޓެކުން ބުނީ މި ސަބްމެރިން ކޭބަލް އަޅަނީ އެކަމަށް ވިސްނައިގެން ކޭބަލަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.
މި ކޭބަލް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅައި ނިމޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޑޮމެސްޓިކް ސަބްމެރިން ކޭބަލެއް އެޅުމަށް ދިރާގާއި އުރީދޫ އަދި އެޗްއެމްއެން ޓެކްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!