ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ)، ކުރިއަށް އޮތް ވިހި ވަނަ މަޖިލީހުގެ އިންތިޚާބުގައި ޅ. ކުރެންދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ނިޔާ ވަނީ މިއަދު އެކްސްގައި އެކަން ޢިއުލާން ކުރައްވާފައެވެ.
ނިޔާގެ ޕޯސްޓްގައި ވަނީ 18 ވަނަ އަދި 19 މަޖިިލީހަށް ކުރެންދޫ ދާއިރާއިން މެޖޯރިޓީދީ އިންތިޚާބު ކުރީ އެމްޑީޕީގެ މެންބަރުންކަން ފާހަގަ ކުރައްވާފައެވެ.
18 ވަނަ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރަކީ އަބުދުދުލްބާރީ އެވެ. ބާރީ ވަނީ އެ ގޮތުގައި ދައުރު ފުރިހަމަ ކުރައްވާފައެވެ.
19 ވަނަ މަޖިލީހަށް ކުރެންދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގަތް އަބުދުލްޣަނީ (ގަންޏަ) އިންތިޚާބުވެވަޑައިގަތީ ވެސް އެމްޑީޕީގެ ޓިކެޓްގައެވެ. ނަމަވެސް ދައުރު ނިމެން ހަތަރު މަހާއި ދުވަސްކޮޅެއް އޮއްވާ 28 ޑިސެމްބަރު 2023 ގައި އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީ އަށް ސޮއިކުރައްވާފައެވެ.
ނިޔާ ވިދާޅުވެފައިވާ ގޮތުގައި އަންނަ 20 ވަނަ މަޖިލީހަށް ވެސް ކުރެންދޫ ދާއިރާގެ ރައްޔިތުން ހޮވާނީ އެމްޑީޕީގެ ކެންޑިޑޭޓެކެވެ. އަދި އޭނާ އެ ދާއިރާއަށް ވާދަކުރައްވާނެކަން ވަނީ ޢިއުލާން ކުރައްވާފައެވެ.
ނިޔާ މިހާރު ތަމްސީލްކުރައްވަމުން ގެންދަވާ ހުޅުމާލެ ދާއިރާ މިފަހަރުގެ އިންތިޚާބަށް ވަނީ ތިން ދާއިރާއެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެއީ ހުޅުމާލެ އުތުރު، ހުޅުމާލެ މެދު އަދި ހުޅުމާލެ ދެކުނު ދާއިރާއެވެ.
ނިޔާ 19 މަޖިލިސް އަށް އިންތިޚާބުވެ ވަޑައިގަތީ ފުރަތަމަ ފަހަރަށް ހުޅުމާލެ އަށް ޚާއްސަކޮށް އުފެދުނު ހުޅުމާލެ ދާއިރާ އަށެވެ. އޭގެ ކުރިން ހުޅުމާލެ ހިމެނެނީ މާލޭގެ ހެންވޭރުގެ ބަޔަކާއެކު ހުޅުހެންވޭރު ދާއިރާ ގޮތުގައެވެ.
ނިޔާ ވަނީ ހުޅުމާލެ އަށް ޚާއްސަކަން ލިބި ފުރަތަމަ އުފެދުނު ދާއިރާ ތަމްސީލް ކުރުމުގެ ފުރުސަތު ދެއްވީތީ ހުޅުމާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަންކަން ކުރައްވާފައިވާ ނިޔާ އަކީ ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!