ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ސާވޭ އާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ނިލަންދޫގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި ބަޖެޓުގައި ހިމެނޭ މަޝްރޫއެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެއާޕޯޓު އެޅުމުގެ މަސައްްކަތަށް ދާނެ ހަރަދެއް އެނގޭނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ކުރިން އެ ތަނުގެ ސާވޭއެއް ހަދާފައި ކަމަށެވެ.
"އަގެއް ހޯދުމުގެ ބޭނުމުގައި އަޅުގަނޑުމެން ފުރަތަމަ ކުރާ ކަމަކީ ސާވޭ ކުރުން. ހަމައެއާއެކީގައި އީއައިއޭ ހެދުން،" މުއްތަލިބް ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ އެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލު ކުރި ނަމަވެސް ސާވޭ އާއި އީއައިއޭގެ މަސައްކަތް އެއަށް ވުރެ އަވަހަށް ނިމިއްޖެ ކަމުގައިވާ ނަމަ، ކޮންޓްރެކްޓްގައި ސޮއިކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭ ވަރު ވާނެ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް އެކަމުގެ އަމަލީ މަސައްކަތެއް ފެށޭނީ އީއައިއޭ ހެދި އީއައިއޭ ފާސްވެގެން." މުއްތަލިބް ވިދާޅުވިއެވެ.
ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، އެ އަތޮޅުގައި އޮންނަ ފ. މަގޫދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!