މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރ ވެން ޑަ ބީކް ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ފްރޭންކްފާޓަށް ބަދަލު ވެއްޖެއެވެ.
އުމުރުން 26 އަހަރުގެ ވެން ޑަ ބީކް ފްރޭންކްފާޓަށް ބަދަލުވެފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ސީޒަން ނިމުމުން އޭނާ ގަތުމަށް ފްރޭންކްފާޓުން ބޭނުން ވެއްޖެނަމަ އެކަން ކުރެވޭނެ މާއްދާ އެއްބަސް ވުމުގައި ވަނީ ހިމަނާފައެވެ.
ވެން ޑަ ބީކް ޔުނައިޓެޑާއި ގުޅިފައި ވަނީ 35 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި 2020 ވަނަ އަހަރު ނެދަލެންޑްސްގެ އަޔެކްސް އިންނެވެ. ޔުނައިޓެޑްގައި މާ އެދެވޭ ކުޅުމެއް އޭނާއަށް ދެއްކޭ ގޮތެއް ނުވިއެވެ. ފާއިތުވި މުއްދަތުގައި އޭނާ ޔުނައިޓެޑްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޕްރިމިއާ ލީގުގައި ކުޅެފައި ވަނީ ވެސް އެންމެ ހަ މެޗުގައެވެ.
ވެން ޑަ ބީކްގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ މިހާރު ކޯޗް ޓެން ހާގް ވެސް ބުނެފައި ވަނީ ވެން ޑެ ބީކް އެހެން ޓީމަކަށް ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ވެން ޑަ ބީކް ޔުނައިޓެޑްގެ ޖޯޒީގައި މިހާތަނަށް ކުޅެފައި ވަނީ ޖުމްލަ 62 މެޗެވެ. އެ މެޗުތަކުގައި އޭނާ ވަނީ ޔުނައިޓެޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!