ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ އާބަންކޯއިން މިއަދު މާފުކޮށްދީފިއެވެ.

ކުލި ނުދެއްކުމުން މިއަދުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިހާރު މާފުކޮށްދީފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެކެވެ.

Ad
rt

އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ޖޫރިމަނާ މާފުކޮށްދިނުމަށް ފަހު، ފްލެޓްތަކަށް ނުދެއްކި ބާކީ ހުރި ފައިސާތައް ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކޮށްގެން ހަމަޖައްސައިދޭ އުސޫލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް އިންސައްތަ ކަމަށް ކަނޑައަޅާނެއެވެ. އަދި ޖޫރިމަނާ އަށް ކުރިން އަހަރަކަށް 18 އިންސައްތަ ދައްކަން ޖެހޭއިރު، އާ އުސޫލުގެ މަތިން ކޮންމެ މަހަކު ނަގާ އެއް އިންސައްތަ ޖޫރިމަނާ ސޮދަގާތު ފައުންޑޭޝަން ހަދިޔާކުރުމަަށްވެސް ވަނީ ނިންމާފައެވެ.

އާބަންކޯ އިން ބުނިގޮތުގައި، ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓް ކަމަށް ހަމަޖެއްސުމުން، ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރު ނުވާނެއެވެ. އެންމެ ބޮޑު އެއްފަސޭހައަކީ ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދު ދެ ފަރާތަށް ވެސް އެނގެން އޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން މިހާރު ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށް ނުވަތަ ދައްކަން ޖެހި، ނުދެއްކިވާ ފައިސާ ބަހާލައިގެން ދައްކަން ބޭނުންވާ މީހުންނަށް އަންނަ ޖެނުއަރީ 10 ގެ ކުރިން އެ ފުރުސަތަށް އެދި ހުށަހަޅަން ހުޅުވާލައިފައެވެ.

މި ކަމަށް އެދެން ޖެހެނީ ހާއްސަ ފޯމެއް ފުރައިގެންނެވެ.