މާލެ އަށް ބޯކޮށް ވާރޭ ވެހި ގިނަ މަގުތަކެއްގައި ފެން ބޮޑުވުމާ ގުޅިގެން އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މެދުކަނޑާލައިފިއެވެ.
ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނީ މާލެ އަށް ވެހެމުންދާ ބޯ ވާރެއާ އެކުގައި އަމީނީ މަގުގެ މަސައްކަތް ނުކުރެވި މަޑުޖައްސާލާފައިވާ ކަމަށެވެ.
އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާ ބިނގާވެ، އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާ އެކު، އެ ސަރަހައްދަށް އާންމުން ނުވަނުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް މެދުކަނޑާލި އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މި މަހުގެ 9 ގަ އެވެ. މީގެކުރިން ކުރި މަސައްކަތުގައި އިއްޒުއްދީން މަގާ ހަމައަށް އަމީނީ މަގު ވަނީ ހަދައިފަ އެވެ. އެ ސަރަހައްދަކީ ވަރަށް ކާރޫބާރު ބޮޑު ސަރަހައްދެކެވެ. އެގޮތުން ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗާއި ދިރާގު ހެޑް އޮފީސް ހުންނާތީ ގިނަ އަދަދެއްގެ ބަޔަކު އަބަދު ވެސް އަމީނީ މަގާއި އެ މަގާ ގުޅިފައިވާ މަގުތަކުގެ ބޭނުން ހިފައެވެ.
އާރުޑީސީން ކުރިން ބުނީ މޫސުން ތަންދޭނަމަ އަމާޒަކީ މަސައްކަތް ހަވާލު ކުރެވުނުތާ 50 ދުވަސް ތެރޭގައި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމުގެ މަސައްކަތުގެ އިތުރުން، ނަރުދަމާ ނިޒާމުގެ ހޮޅީގެ ވިއުގައިގެ މަސައްކަތެވެ. އެމްޑަބްލިއުއެސްސީގެ ފެންހޮޅި ޓެސްޓުކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް 84 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދަރުބާރުގެ ހުންނަ ސަރަހައްދުން ފެށިގެން ދިވެހިރާއްޖޭގެ އަޑާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!