"ރެސްކިއު ޑައިވަރ" ފެންވަރަށް މަސްވެރިން ތަމްރީން ކުރުމަށް ޑައިވް ޓްރެއިނިންގް ހިންގާނެ ޑައިވް އިންސްޓްރަކްޓަރުން ހޯދުމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޑައިވް ކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހާދިސާތައް މަދު ކުރުމުގެ މަގްސަދުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިއަކީ "ރެސްކިއު ޑައިވް" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައި ކުރިއަށް ގެންދަން ރާވާފައިވާ ޑައިވާ ޕްރޮގްރާމްގެ ދަށުން ރެސްކިއު ޑައިވަރ ފެންވަރުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށެވެ.
އެހެންވެ، ޑައިވް އިންސްޓްރަކްޓަރ ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ބޭނުންވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި މިނިސްޓްރީގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު 11 ޖަހާއިރު، މިނިސްޓްރީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!