ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ ޢަދަދު 40000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.
ޕީއެންސީގައި 40 ހާސް މެންބަރުން މިހާރު ތިބިކަން ހާމަކުރީ، އެ ޕާޓީގެ ޗެއާޕާސަން، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރޮގްރޮސިވް އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައި އަދުރޭ ވަނީ، ވެރިކަމަށް އައިއިރު ޕީއެންސީގައި ތިބީ 3،000 މެމްބަރުންކަން ފާހަގަ ކުރައްވާފައެވެ.
އެހެންނަމަވެސް މިހާރު އެ ޕާޓީގެ ދަފުތަރުގައި 40،000 އަށް ވުރެ ގިނަ މެމްބަރުން ރަޖިސްޓްރީ ކުރެވިފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
އެ ޕާޓީގެ މެންބަރުންގެ އަދަދު ސާޅީސް ހާހަށް އަރައިގެން ދިޔުމަކީ ރައްޔިތުން ރައީސް މުޢިއްޒުގެ ވެރިކަން ބަލައިގެންފިކަން އެނގިގެންދާ ކަމެއްކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ޕްރޮގްރޮސިވް އިއްތިހާދުގެ މިރޭގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ވަނީ އެ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލްކުރާ މެންބަރުންގެ އަދަދު 15 އަށް އަރާނެއެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެސް އެ ޕާޓީ ވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!