އެހެން އަހަރުތަކާ އެއްގޮތަށް އަންނަ އަހަރަށް އުރީދޫއިން ތައްޔާރުކުރާ ކަލަންޑަރު ލޯންޗުކޮށްފިއެވެ.

މި ކަލަންޑަރު ލޯންޗު ކޮށްދެއްވީ މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްއެވެ.

Ad
rt

މިފަހަރު މިއިފްތިތާހު ކުރެވުނު ކަލަންޑަރާއެކު"އަތޮޅު ދުވުން" ގޭމު ވަނީ ތައާރަފުކޮށްފައެވެ. މިއީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމެކެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ.

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ އުރީދޫ އަކީ ދިވެހިން އަދި ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި ދިވެހި ބަހުން އެންމެ ފުރަތަމަ ފަހަރަށް ވައިބާ ސްޓިކާ ތައްޔާރުކޮށް، އުރީދޫގެ ހާއްސަ ރަސްމީ ފޮންޓެއް ވެސް ތައްޔާރު ކޮއްފައިވާކަން ފާހަގަކުރެއްވިއެވެ.

“މިފަހަރު މި ތައާރަފުކިރީ ދިވެހިވަންތަ ގޮތަކަށް ދިވެހިޒުވާނުން ފަރުމާކޮށް އުފައްދާފައިވާ ކަލަންޑަރ އަދި ގޭމެއް. މުނިފޫހިފިލުވުމުގެ މިފަދަ ގޭމްތަކުންވެސް އެކަކު އަނެކަކާ އޮންނަ ގުޅުނަ ބަދަހިވެ، މި ގޭމުގައި ހިމެނިފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިތުރު ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީވެދޭނެ. އެދެނީ ދިވެހިން ކުރިއެރުވުމަށް އަދި ފަންނިއްޔާތު ކުރިއެރުވުމަށް އޫރީދޫ ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބުމަށް”. މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ މިކަލަންޑަރާއި ގޭމަކީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ. މިއީ ދިވެހިންގެ ފަރާތުން ދިވެހިންނަށް ތައްޔާރުކޮށް ދިވެހިންގެ ހުނަރުވެރިކަށް ފެނިގެންދާނެ ގޭމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންގެ 2024 ގެ ކަލަންޑަރާއި ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެކަމަށް އުއްމީދު ކުރަން." ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އަތޮޅު ދުވުން ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ އުރީދޫ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.