ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ބައެއް ތަކެތި ގެއްލުނު މައްސަލައިގައި އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިރޭ ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު ސަރުކާރު ހިންގެވުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އަލަށް އުފެއްދެވި ވުޒާރާތަކުގެ ތެރޭގައި ހިމެނޭ އެއް ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް ކަމަށެވެ.

Ad
rt

މިއީ މީގެކުރިން އެހެން ތިން ވުޒާރާއެއް ކަމަށްވާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ދަށުގައި އޮތް ޔޫތު، ކޮމިއުނިޓީ އެމްޕަވަމެންޓް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ދަށުގައި އޮތް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް، ނެޝަނަލް ލައިބްރަރީ، ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން، ނެޝަނަލް އަކައިވްސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މެންޑޭޓްގެ ދަށުގައި އޮތް ނޫސް މީޑިއާ ރަޖިސްޓްރީކުރުމުގެ ބައި އެއް ވުޒާރާއެއްގެ ދަށަށް ގެނެސް، އުފެއްދެވި އައު ވުޒާރާއެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި ގެނެވުނު ބަދަލާއެކު އެ ވުޒާރާތަކުގެ ދަށުގައި ހުރި ޔޫތު މިނިސްޓްރީގެ ދަށަށް އަންނަން ޖެހޭ މުވައްޒަފުންނާއި ތަކެތި ބަދަލުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އިސްވެ ދެންނެވުނު ވުޒާރާތަކުން އިސްވެ ތިބެ ކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މިގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް މުވައްޒަފުންނާއި ތަކެތި ޔޫތު މިނިސްޓްރީ އަށް ބަދަލުކުރެއްވީ އެވުޒާރާގެ ޒިންމާދާރު ވެރިޔާގެ ބެލުމުގެ ދަށުން އެ ވުޒާރާގެ މުވައްޒަފުންކަމަށް ވެސް ބަޔާނުގައިވެއެވެ.

"މިއިން އެއްވެސް މަރުހަލާއެއްގައި، ވުޒާރާއަކުން ތަކެތި ގެނައުމާއި ހަވާލުވުމުގައި މިވުޒާރާގެ އެއްވެސް ސިޔާސީ މުވައްޒަފެއް ބައިވެރިވެފައެއްނުވާނެއެވެ. ނަމަވެސް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް ތަކެތި، ދެ ވުޒާރާ ބަދަލުވުމުގައި ގެއްލިފައިވާކަމަށް މިވުޒާރާގެ ސަމާލުކަމަށް އައި ހިސާބުން މިކަން ހިނގިގޮތް ބެލުމަށް އިންޓަރނަލް އިންވެސްޓިގޭޝަނެއް މިހާރު ވަނީ ފަށައިިފައެވެ،" އެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއް ހިމެނެ އެވެ. އެ ތަކެތި ގެއްލުނުކަން ފުލުހުންނަށް ހުށަހެޅީ ސްޕޯޓްސް މިނިސްޓްރީންނެވެ. ފުލުހުން ބުނީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.