ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ސާމާނުތައް ބަހާލި އިރު، ކޮމްޕިއުޓަރުތަކަކާއި ޓީވީއެއް ގެއްލުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ގެއްލުނު ސާމާނުތަކުގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއް ހިމެނެ އެވެ. އެ ތަކެތި ގެއްލުނުކަން ފުލުހުންނަށް ހުށަހެޅީ ސްޕޯޓްސް މިނިސްޓްރީންނެވެ.

Ad
rt

ފުލުހުން ބުނީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީ ބަދަލުކުރީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރގެ ނަމަށެވެ. ސްޕޯޓްސް މިނިސްޓްރީ ބަދަލުކުރީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަމަށެވެ.

ކުރީގެ ޔޫތު އެންޑް ސްޕޯޓް މިނިސްޓްރީ ވަކި ދެ މިނިސްޓްރީއަކަށް ހެދިއިރު، ޔޫތު މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ އިބްރާހީމް ވަހީދު (އަސްވާޑު) އެވެެ. އަދި ސްޕޯޓް މިނިސްޓަރަކީ އަބްދުﷲ ރާފިއުއެވެ.