ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ އަމީނީ މަގު ހިމެނޭ ހެން ހުއްޓިފައި އޮތް ރަށް ރަށުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އަލުން ފަށައިފިއެވެ.

އާރުޑީސީން އިއްޔެ ބުނީ އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވީ 17 ރަށުގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

Ad
rt

މަގު ހެދުމުގެ މަސައްކަތް އަލުން ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ އަމީނީ މަގުގެ އިތުރުން ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުއްޓާއި ށ. މިލަންދޫ އާއި ރ. ހުޅުދުއްފާރާއި ނ. ހޮޅުދޫ އާއި ނ. ވެލިދޫ އާއި ޅ. ހިންނަވަރާއި މ. މުލަކާއި އދ. މާމިގިއްޔާއި ދ. ކުޑަހުވަދޫ އާއި ތ. ތިމަރަފުއްޓާއި ލ. ގަން ފޭސް ދޭކާއި ގއ. ކޮލަމާފުއްޓާއި ގއ. ވިލިނގިލި ފޭސް ދޭކާއި ގދ. ތިނަދޫ ފޭސް ދޭކާއި ގދ. ގައްދޫގެ މަގު ހެދުމުގެ މަސައްކަތެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އާރުޑީސީއާ މަގު ހެދުމުގެ 37 މަޝްރޫއު ހަވާލު ކުރިއެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ފެށުމަށް ފަހު ހަލުވިކަމާ އެކު ކުރިއަށް ނުދާތީ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

ބައެއް ރަށްރަށުގައި މަގު ހެދުމަށް ވަޅު ކޮނުމަށް ފަހު، އެ ތަން ދުވަހަކު ފަސް ނާޅާ ހުރި ކަމުގެ ޝަކުވާ ވެސް އެ ރަށްރަށުގެ ރައްޔިތުން ކުރެއެވެ.

އާރުޑީސީން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ އަމީނީ މަގު ހެދުމުގެ މަސައްކަތެވެ. އެ ކުންފުނީގެ އަމާޒަކީ ސްކޫލްގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ ބާކީ ބައި ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.