އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ވާދަކުރުމަށް ދިން މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ގައެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީ އަށް ވާދަކުރުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އިތުރުކޮށްފައެވެ.
ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރި ސަބަބެއް އެމްޑީޕީން ނުބުނެއެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރަން ހުށަހަޅާއިރު ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭނެއެވެ. އެމްޑީޕީން ބުނި ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓު ލެވޭނީ ޕްރައިމަރީއަށް އިއުލާނުކުރި ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ވެފައި ތިބި މީހުންނަށެވެ. އެކަމަކު ޕްރައިމަރީގައި ވާދަކުރާ މީހުންނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރި ބައެއް ނަމަ އެކަން ބަލާނެ ކަމަށް ވަނީ ބުނެފައެވެ.
ޕްރައިމަރީގައި ވާދަކުރުމަށް ފުރަން ޖެހޭ ފޯމާއި އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު އެމްޑީޕީގެ ވެބްސައިޓުން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!