ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމާލުމަކީ އުންމީދެއް ކަމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގެ ބާކީ ހުރި ދެ ސެގްމަންޓްގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފެށީ މި މަހުގެ 9 ގައެވެ. އެއީ ހައުސިން މިނިސްޓްރީގެ ކަންމަތިން ފެށިގެން ހުޅަނގަށް އޮންނަ ސަރަހައްދެވެ. އެ ސަރަހައްދަކީ ވަރަށް ކާރޫބާރު ބޮޑު ސަރަހައްދެކެވެ. އެގޮތުން ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗާއި ދިރާގު ހެޑް އޮފީސް ހުންނާތީ ގިނަ އަދަދެއްގެ ބަޔަކު އަބަދު ވެސް އަމީނީ މަގާއި އެ މަގާ ގުޅިފައިވާ މަގުތަކުގެ ބޭނުން ހިފައެވެ.

Ad
rt

އާރުޑީސީން ބުނީ މޫސުން ތަންދޭނަމަ އަމާޒަކީ މަސައްކަތް ހަވާލު ކުރެވުނުތާ 50 ދުވަސް ތެރޭގައި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމުގެ މަސައްކަތުގެ އިތުރުން، ނަރުދަމާ ނިޒާމުގެ ހޮޅީގެ ވިއުގައިގެ މަސައްކަތެވެ. އެމްޑަބްލިއުއެސްސީގެ ފެންހޮޅި ޓެސްޓުކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މިއަދު ވަނީ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މިހާރު ހަދަމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށެވެ.

އަދި އުންމީދަކީ ކުރިއަށް އޮތް ސްކޫލް ޓާމް ފެށުމުގެ ކުރިން ތާރު އަޅައި މަގު ބޭނުން ކުރަން ފެށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް 84 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދަރުބާރުގެ ހުންނަ ސަރަހައްދުން ފެށިގެން ދިވެހިރާއްޖޭގެ އަޑާ ހަމައަށެވެ.