ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދަރުބާރުގޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި ދިވެހި އާއިލާގެ ހުރިހާ އެންމެން އެމަނިކުފާނަށް ވާނީ ހަމަހަމަ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމީ އާއިލާއަކީ ދިވެހި އާއިލާ. ދިވެހީންގެ ރާއްޖޭގެ ދިވެހި އާއިލާ. ދިވެހި އާއިލާގެ ހުރިހާ މެންބަރުން އަޅުގަނޑަށް ހަމަހަމަ. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުންނާ ގާތުން. އަޅުގަނޑު ރައްޔިތުންނާ ގިނަގިނައިން ބައްދަލު ކުރާނަން. ހާލުއަހުވާލު ބަލާނަން. މި ސަރުކާރުގެ ވަޒީރުން ވެސް، ކުންފުނިތަކުގެ ވެރިންވެސް މިގޮތަށް އަމަލު ކުރައްވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހާލު ބެއްލެވުމަށް މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފްދުތައް ދަތުރު ކުރައްވާނެ ކަމަށެވެ.

"މި ގާތް ކަމާއި އެހީތެރިކަމަކީ ދައުލަތް ހިންގުމުގައި އޮތް ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަފްހޫމް. މި ނިޒާމަށް އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް. މިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދެވީ އެހެންވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރުވެސް ކައުންސިލްތަކާއި ރައްޔިތުން، މި ބަދަލުން އުފެދުނު ހެޔޮ ރޫޙާއި، ލިބޭ ހެވާއި، ލާބަ އިހުސާސް ކުރެވެއެވެ.

އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު، ވަކިން ތާވަލް ހަދައިގެން މާލޭގެ ގޭގެއަށް ވާނީ ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުންގެ މުހުތާދުތަކުގެ ވާހަކަ އަޑު އައްސަވައިފައެވެ. އަދި ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންތައްތައް ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކާއި ޝަކުވާ ސީދާ އެމަނިކުފާނަށް ހިއްސާކުރެވޭނެ ގޮތް، އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން ހަމަޖެއްސެވި ކަމަށެވެ. ހަމަ އެހެންމެ، އެފަދަ ކަންކަން ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ޕޯޓަލްއެއް ގާއިމުކޮށް، ތަނަވަސްކަމާއެކު ދޮރު ހުޅުވައިލެއްވި ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ޕޯޓަލް މެދުވެރިކޮށް، ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު އިރު، ދިވެހި ރައްޔިތުން ބޭނުންވަނީ މިގޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުވެސް އަޅުގަނޑު ބޭނުންވަނީ މިގޮތަށް އޮންނަން. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ކުރިއަށްދާނީ މި އުސޫލުން. މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު، ދެން މިހާރު ލޮބުވެތި ދިވެހި ރައްޔިތުން އަޅުގަނޑާ ހަވާލުކުރައްވާފައި މިވަނީ ތަފާތު އިމްތިހާނެއް ކަން ނޭނގެ. އެއީ، މި މަގާމުގައި އަޅުގަނޑު ކަންކުރާގޮތް ބެއްލެވުން. އިރާދަކުރެއްވިއްޔާ، ދެންވެސް މަސައްކަތް ކުރާނީ ތިޔަ ލޮބުވެތި ރައްޔިތުންނާ ގާތުން." ރައީސް ވިދާޅުވިއެވެ.