ގައުމީ ސަލާމް ކިޔުމާއި ދިވެހި ގައުމީ ދިދަ އަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާން ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ ހުއްދަ ކަމެއް ކަމުގައި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމާއި ގައުމީ ދިދައަށް ސަލާމްކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
އަދި މިއީ ރާއްޖޭގެ އާދަކާދަތަކާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ފަތުވާ މަޖިލިހުން ބުނެފައިވެއެވެ.
"އާދަކާދަތަކުގެ އަސްލަކީ ހުއްދަވުމެވެ. އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމެއް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމްކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގައެވެ." ފަތުވާގައި ބުނެފައިވެއެވެ.
ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާ މަޖިލީހުން ކަނޑައެޅިއިރު، ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.
މީގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އެސެމްބްލީގައި ގައުމީ ސަލާމް ކީ ނަމަވެސް ދީނީ ހިޔާލުތަފާތުވުންތަކާ ހެދި ބައެއް ސްކޫލުތަކުގައި އެކަންކުރުން ހުއްޓާލިއެވެ.ރައީސް މުއިއްޒުގެ ސަރުކާރުގެ ވަނީ މި ދިރާސީ އަހަރުގެ ދެ ވަނަ ޓާމާ އެކު ހުރިހާ ސްކޫލެއްގައި ގައުމީ ސަލާމް ކިޔެވުމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހިމެނޭ "ހަފްތާ 14" ގައި އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ ވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުމަށް ވަނީ ހިމަނައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!