ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާއި އިޓަލީގެ ޗެމްޕިއަން ނަޕޯލީ ވާދަކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުން ބާއްވާފައިވާއިރު ބާސެލޯނާ ވާދަކުރަން ޖެހެނީ އިޓަލީގެ ޗެމްޕިއަން ނަޕޯލީއާއެވެ. ބާސާއަށް ނޮކައުޓް ބުރުން ޖާގަ ލިބިފައި މިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ކުރިން ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ބާސާ ވަނީ ކަޓާފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދެވަނަ ބުރުގައި ވާދަކުރަން ޖެހެނީ ކޯޕަންހޭގަންއާއެވެ. މިދިޔަ އަހަރުގެ ރަނަރަޕް އިޓަލީގެ އިންޓަ މިލާން ވާދަކުރަން ޖެހެނީ އެތުލެޓިކޯ މެޑްރިޑާއެވެ. މިއީ މިހާރު އެތުލެޓިކޯ މެޑްރިޑްގެ ކޯޗަކަށް ހުރި ސިމިއޯނީއަށް ހާއްސަ މެޗަކަށް ވާނެއެވެ. ސަބަބަކީ ސިމިއޯނީ ވަނީ އިންޓަ މިލާނަށާއި އެތުލެޓިކޯއަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ސްޕެއިންގެ ރެއާލް މެޑްރިޑް ދެވަނަ ބުރުގައި ވާދަކުރަން ޖެހެނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާއެވެ. ދެވަނަ ބުރުގައި އާސެނަލް ވާދަކުރަން ޖެހެނީ ޕޯޗުގަލްގެ ޕޯޓޯއާއެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ދެވަނަ ބުރުގައި ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑް އާއެވެ. ބްރޫޝިއާ ޑޯޓްމަންޑާއި ޕީއެސްވީ ވާދަކުރާއިރު، ދެވަނަ ބުރުގައި ބަޔާން ނުކުންނާނީ އިޓަލީގެ ލާޒިއޯއާއި ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 13، 14 އާއި 20، 21 ގަ އެވެ. އަދި ދެ ވަނަ ލެގުގެ މެޗުތައް ޝެޑިއުލްކޮށްފައިވަނީ، މާޗް 5، 6 އާއި 12، 13 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!