މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި "ސަންގު ޓީވީ" އިން މިރޭ ބާއްވާ ބަހުސްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިރޭ 9:15 ގައި އޮންނަ ބަހުސްގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ޝުއައިބު އަލީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ސަންގު ޓީވީން ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބަހުސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން ބުނީ ސަންގު ޓީވީ އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ބަހުސްގައި އާޒިމް ބައިވެރިނުވާނެކަން އެ ސްޓޭޝަނަށް އެންގި ސަބަބަކީ ސަންގު ޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑަރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކު ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމަށެވެ.
އިންތިހާބު އޮންނަ ދުވަސް މިހާ ކުޑަތަންވެފައި ވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ތާށިވުމަކީ ކެމްޕޭނުގައި ދެން ކުރަން ހުންނަ ކަންތައްތަކަށް އަސަރުކުރާނެ ކަމެއް ކަމުގައި އެމްޑީޕީން ބުންޏެވެ. ސަންގު ޓީވީގެ ބަހުސްގައި ބައިވެރިނުވި ނަމަވެސް އަންނަ މަހުގެ 6 ގައި ޕީއެސްއެމް އިން ބާއްވާ ބަހުސްގައި އާޒިމް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި އެމްޑީޕީން ބުންޏެވެ.
މާލެ ސިޓީގެ މޭޔަރުގެ އިންތިހާބު އަދި ސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 13 ވަަނަ ދުވަހުއެވެ. މޭޔަރު ކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. އެ ކައުންސިލްގައި ދެން ހިމެނޭ ގޮނޑިތައް ހުސްވީ އެ ގޮނޑިތައް ތަމްސީލް ކުރައްވާ ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!