ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން ބައެއް ޓްރާންސެކްޝަންތައް ވެރިފައި ނުވެ ލަސްވެފައިވާ ކަމަށާއި އެއްވެސް ކަސްޓަމަރެއްގެ އަތުން ދެ ފަހަރާ ފައިސާ ކެނޑިފައި ނުވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާރުޓީއެލްގެ ބަހާއި ފެރީގެ ޚިދުމަތަށް ފައިސާ ދެއްކުމަށް "ޓެޕް ޓު ޕޭ" ނުވަތަ ކޮންޓެކްޓްލެސް މާސްޓަކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަންތައް ވެރިފައި ވުމުގައި ލަސްތައް ދިމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އެކަން ފާަގަކުރެވުނީ މި މަހުގެ 10 އާ 14 އާ ދެމެދު ބަހާއި ގްރޭޓާ މާލެ ފެރީ ޚިދުމަތަށް ކާޑު ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަންތަކުގައި ކަމަށް ބުންޏެވެ.
މި ޓްރާންސެކްޝަންތައް ވެރިފައިވުމުގައި ލަސްވީ ސާވިސް ޕްރޮވައިޑާގެ ސާވާފައި ކިޔުވެފައި ހުރުމުގެ ސަބަބުން ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ މި މުއްދަތުގައި ދަތުރު ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފައިސާ ކެންޑުނު ކަމުގެ ނޯޓިފިކޭޝަން މެސެޖު ލަހުން ލިބިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ޓްރާންސެކްޝަންތަކަކީ އެކި ދުވަހު އެކި ފަހަރު ކޮށްފައިވާ ދަތުރުތަކުގެ ޓްރާންސެކްޝަންތައްް ކަމުން ކަސްޓަމަރުންގެ ފޯނަށް އެއްފަހަރާ ކައިރިކައިރީގައި އެ ޓްރާންސެކްޝަންތައް ވެރިފައިވި ކަމުގެ މެސެޖުތައް ގޮސްފައި ހުރިކަން ވެސް ފާހަގަކުރިއެވެ.
އެމްޓީސީސީން އިތުރަް ބުނީ އެގޮތަށް ކައިރިކައިރީގައި މެސެޖުތައް ދިޔަ ނަމަވެސް އެއްވެސް ކަސްޓަމަރެއްގެ އަތުން ދެ ފަހަރަށް ފައިސާ ކެނޑިފައި ނުވާ ކަމަށެވެ.
މި ތްރާންސެކްޝަންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!