ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ޝަރުތު ހަމަނުވާ ބަޔަކަށް ދިން ކަމަށް ބުނަމުންދާތީ މި މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނަގަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ލިބުމާ ގުޅިގެން ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ. ނަމަވެސް އޭސީސީގެ ތަހުގީގަށް ހާޒިރު ކުރަނީ ކޮން ބައެއް ކަމެއް އެ ކޮމިޝަނުން ނުބުނެއެވެ.
އޭސީސީން ބުނީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުރީގެ ސަރުކާރުން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދީފައި ވަނީ މި މަހުގެ ތެރޭގައެވެ.
ފްލެޓް ލިބޭ ފުރަތަމަ 4،000 މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނާއި ބޭއިންސާފުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް އަންގައިފަ އެވެ. އަދި އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިމެންދެން ފްލެޓް ދިނުމުގެ އެއްވެސް މަސައްކަތެއް ނުކުރަން ވަނީ އަންގައިފައެވެ.
އޭސީސީން ކުރިން ބުނީ ފްލެޓު ލިސްޓުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ރަށްރަށުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ މީހުންކަން ލިޔެކިޔުމުން އެނގޭއިރު ވެސް ފްލެޓަށް ޝަރުތު ހަމަވެފައިވުމާއި ދަރިން ނެތް މީހުންގެ ދަރިން ތިބި ކަމަށް ބަލައި ޕޮއިންޓް ދީފައިވާ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!